ފުލުހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތުގައި އެމްޑީޕީ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ފުލުހަށް ހާޒިރުކުރަނީ

ފުލުހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތުގައި އެމްޑީޕީ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ފުލުހަށް ހާޒިރުކުރަނީ

Author
އަހުމަދު
06 މެއި 2026 09:07
0

ފުލުހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަޙްމަދު މައިމޫން މުޙައްމަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ބަޔާންކޮށްފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، މަގުތަކަށް އެއްވެ އަޑުގަދަކޮށް، އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާގޮތަށް އަމަލުކުރުމުގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހެއްގެ ގައިގައި އޭނާ ޖަހާފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށްޓަކައި މާދަމާ ހެނދުނު 9:30 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް މައިމޫނަށް ވަނީ އަންގާފައެވެ.

މީގެ ކުރިންވެސް އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި މައިމޫން ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން މިފަހަރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.