ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފިއެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީންނެވެ. މިއަދު ނެގި ގުރުއަތުން ކެންޑިޑޭޓް ނަންބަރު 1 ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށެވެ. އަދި ކެންޑިޑޭޓް ނަންބަރު 2 ލިބިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ.
މި އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ސޯބެއަށް ކަށަވަރުވީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ނަން ހުށަހަޅާފައި ނުވާތީއެވެ. އަދި ޕީއެންސީގެ ޓިކެޓް ސައީދަށް ދޭން ނިންމީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ސިނާން އަމިއްލަފުޅަށް ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ސާބިތު ދަރަންޏެއް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީ، ކުރިން އެ ގޮނޑީގައި ހުންނެވި މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
ކައުންސިލް އިންތިހާބަށްފަހު ސަރުކާރުން ކުރިމަތިލާ މި ބައި އިލެކްޝަނަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން 19 ވަނަ މަޖިލީހުގައި ބޭއްވި ބައި އިލެކްޝަންތަކަށްވެސް ކުރީ ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، މި ގޮނޑި ކާމިޔާބު ނުކުރެވިއްޖެނަމަ އެކަން ވެގެންދާނީ ސަރުކާރަށް ލިބޭނެ ބޮޑު ނާކާމިޔާބީއަކަށެވެ.
ކޮމެންޓު ފޮނުވާ