ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނިއުސް ނެޓްވޯކް ކަމަށްވާ ސީއެންއެންގެ ބާނީ ޓެޑް ޓާނަރ، އުމުރުފުޅުން 87 އަހަރުގައި ނިޔާވެއްޖެއެވެ.
ޓާނަރ ނިޔާވި ވަކި ސަބަބެއް ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، 2018 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ނާރުގެ ބައްޔެއް ކަމަށްވާ 'ލިއުވީ ބޮޑީ ޑިމެންޓިއާ' އަށް ފަރުވާ ހޯއްދަވަމުންދާކަން އާންމުކޮށްފައެވެ. 1938 ވަނަ އަހަރު އެމެރިކާގެ ސިންސިނާތީއަށް އުފަންވެވަޑައިގަތް ޓާނަރ، އޭނާގެ ޅަފަތުގެ ދުވަސްތައް ހޭދަކުރެއްވީ އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކުގައެވެ. އަސްކަރީ މަދަރުސާއަކުން ތައުލީމު ހާސިލުކުރެއްވުމަށްފަހު، ބްރައުން ޔުނިވަސިޓީގައިވެސް އޭނާ ކިޔަވާވިދާޅުވިއެވެ.
ޓާނަރއަށް ބިލިއަނަރެއްގެ ދަރަޖަ ލިބިވަޑައިގަތީ ބައްޕާފުޅު ނިޔާވުމާ ގުޅިގެން އާއިލީ ބިލްބޯޑު ވިޔަފާރިއާ ހަވާލުވެވަޑައިގަތުމަށްފަހުގައެވެ. އެއަށްފަހު ޓީވީ ބްރޯޑްކާސްޓިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދި، 1970 ވަނަ އަހަރު އެޓްލާންޓާގެ ނާކާމިޔާބު ޓީވީ ސްޓޭޝަނެއް ގަނެ، ސެޓެލައިޓު މެދުވެރިކޮށް އެއީ ވަރަށް ކާމިޔާބު ތަނަކަށް ބަދަލުކުރެއްވިއެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 1980 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ 24 ގަޑިއިރުގެ ހަބަރު ޗެނަލްގެ ގޮތުގައި ސީއެންއެން ވުޖޫދަށް ގެންނެވުމެވެ. މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް ވިޔަފާރި ފުޅާކުރައްވައި، 1996 ގައި އޭނާގެ 'ޓާނަރ ބްރޯޑްކާސްޓިންގ ސިސްޓަމް' ވަނީ ޓައިމް ވާނާއާ އެއްކޮށްލާފައެވެ.
ކާމިޔާބު ވިޔަފާރިވެރިއެއްގެ އިތުރުން ޓާނަރ އަކީ ގިނަ ދާއިރާތަކަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވި އޯގާތެރި ބޭފުޅެކެވެ. އެގޮތުން 1997 ވަނަ އަހަރު އދ. ގެ ތިމާވެއްޓާ ގުޅޭ މަސައްކަތްތަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރު އޭނާ ހަދިޔާކުރެއްވިއެވެ. ޓާނަރ ސިފަކުރެއްވި ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ކުރެއްވި އެންމެ މުހިންމު އިންވެސްޓްމަންޓެވެ. އޭގެ ފަހުންވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކަށް އޭނާ ވަނީ ބޮޑެތި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ