ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓާތީ އެމްޑީޕީން ކަންބޮޑުވުން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓާތީ އެމްޑީޕީން ކަންބޮޑުވުން

Author
އަހުމަދު
06 މެއި 2026 11:02
0

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެންމެ ފަހުން އިއުލާންކުރި ލިސްޓުގައި ހުޅުމާލެ ފޭސް 1 އަދި 2 ގައި ވޯޓު ފޮށި ބަހައްޓަން ހިމަނާފައި ނުވުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ގިނަ ރައްޔިތުންނަށް ދިމާވާނެ ބޮޑު ދަތިކަމެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެ ދާއިރާގެ 300 އެއްހާ މީހުން ހުޅުމާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާއިރު، އެ މީހުން އަލުން ރީ-ރަޖިސްޓަރީ ކުރުމަކީ ބޮޑު ތަކުލީފަކަށް ވާނެކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނެހެން ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އާންމު އުސޫލެއްގެ ގޮތުން ބައި-އިލެކްޝަންތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެ ރަށެއްގެ އިތުރުން މާލޭގައި އެކަނި ނަމަވެސް، އާބާދީ ބޮޑެތި ސަރަހައްދުތަކަށް ބަލައި ފޮށި އިތުރުކުރުމުގެ ބާރު ކޮމިޝަނަށް އޮވެއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ސާބިތު ދަރަންޏެއް އޮވެ، ގަވައިދުން ފައިސާ ދައްކަމުން ނުދާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މިއީ މެންބަރެއްގެ ގޮނޑި ގެއްލިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައަށް ވާއިރު، މި ހުސްވި ގޮނޑިއަށް މިހާރު ވާދަކުރަނީ ސައީދާއި ސޯބެ އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.