ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ދަޢުވަތަކަށް މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، ރައީސް ވަނީ ލަންކާގެ ރައީސާއި ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތުގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އަދި މި ބައްދަލުވުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ލަންކާގެ ރައީސް ދެއްވި ޚާއްޞަ ޖާފަތެއްގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިވެހިންނާއި ރާއްޖޭގެ ވިޔަފާރިތަކަށް ފައިދާހުރި މުހިންމު ކަންތައްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯގެ 'ފަސްމީރު' ބްރޭންޑް ވެސް ވަނީ ލަންކާގެ ބާޒާރަށް ތަޢާރަފުކޮށްފައެވެ. ހަމައެއާއެކު، ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ރައީސް ބައިވެރިވެވަޑައިގެންނެވިއިރު، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސް ވަޒީރުންނާއި ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން، ލަންކާ ރައްޔިތުންނަށް ރާއްޖެއިން ތިން މަސްދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ