އޮޅުވާލައިގެން ސްކޭމް ލިންކެއް ފޮނުވައިގެން މީހެއްގެ އެކައުންޓުން 50،000 ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މ. އޮމެގާ، އުމުރުން 38 އަހަރުގެ މޫސާ މުޙައްމަދެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހާމަވެފައިވާ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އޭނާ ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް އެކައުންޓުގެ ވެރިމީހާއާ މުއާމަލާތްކޮށްފައެވެ. އެއަށްފަހު ވައިބަރ އިން ފޮނުވި ލިންކަކަށް އެމީހާ ފިތާލުމާއެކު ފޯނު ރީސެޓުވެ، އެކައުންޓުގައި ހުރި ބައިލައްކަ ރުފިޔާ ވަނީ ކެނޑިފައެވެ. އަދި އެ ފައިސާ ޖަމާވެފައިވަނީ ސީދާ މޫސާ މުޙައްމަދުގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށްކަން ފުލުހުން ވަނީ ކަށަވަރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މަކަރާއި ހީލަތުން ފައިސާ ފޭރޭ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ނުވުމަށްޓަކައި، ކާކުކަން ނޭނގޭ ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ