ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ބޭނުމުގައި، މާލީ ވުޒާރާއިން 2.3 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ އެކި މުއްދަތުތަކަށް ބަހާލައިގެން އަނބުރާ ދައްކާ ގޮތަށް ވިއްކާފައިވާ ބިލްތަކެކެވެ. އެގޮތުން ޖޫން މަހުގެ 1 ވަނަ ދުވަހު އަނބުރާ ދައްކަންޖެހޭ 780 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް 55 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހަށް 291.7 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވަނީ ވިއްކާފައެވެ. މީގެ އިތުރުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 2027 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު އަނބުރާ ދައްކާ ގޮތަށް 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލެއްވެސް ވަނީ ވިއްކާފައެވެ.
ސަރުކާރުން މިފަހަރު ވިއްކި ޓީ-ބިލްތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައެވެ. އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ މިފަދަ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި، ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.
ޓީ-ބިލަކީ ދައުލަތުގެ ބަޖެޓު ޑެފިސިޓް ފޫބައްދައި ފައިސާ ހޯދުމަށްޓަކައި، ކަނޑައެޅިފައިވާ ވަކި އިންޓަރެސްޓް ރޭޓަކާއެކު ފަހުން އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކު މެދުވެރިކޮށް ސަރުކާރުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.
ކޮމެންޓު ފޮނުވާ