އެޗްއާރުސީއެމްއިން އާންމުކުރި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކޮށް، ކަންކަން އިސްލާހުކުރާނެކަމުގެ ޔަގީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދީފިއެވެ.
މިދިޔަ އަހަރުގެ "ނެޝެނަލް ޕްރިވެންޓިވް މެކޭނިޒަމް" ރިޕޯޓުގައި އެ ކޮމިޝަނުން ވަނީ، ގައިދީންގެ އަތްފައިގައި ބިޑިއަޅުވައި ހޫނުގަދަ ސަރަހައްދުތަކުގައި އެކަހެރިކޮށް ބައިތިއްބާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ގޯސް އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއްކަން ފުލުހުން ފާހަގަކުރިއެވެ.
އެހެންނަމަވެސް، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކޮށް، ފުލުހުންގެ ޚިދުމަތް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަސައްކަތުގައި އެޗްއާރުސީއެމް އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ފުލުހުންގެ ބަޔާނުގައި ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ