ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ވިސާގެ ދަތިތަކަށް ދާއިމީ ޙައްލެއް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ލަންކާގެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކުގައި ވިސާގެ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ލަންކާ ސަރުކާރުން އެކަމަށް ދާއިމީ ޙައްލެއް ހޯދައިދޭނެކަމުގެ އިތުބާރު ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ކުރައްވާ މި މުހިންމު ދަތުރުފުޅުގައި، ލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތަށްވެސް އުންމީދީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ލަންކާގައި ހުންނަ ދިވެހިންގެ އިޖުތިމާޢީ މަރުކަޒު ކަމަށްވާ "ސޯސަން ވިލާ" ގެ ޙާލަތު ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އެތަން މަރާމާތުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކްލާސްރޫމްތައް ތަރައްޤީކުރުމާއި، ކުޅިވަރު ކުޅޭނެ ވަޞީލަތްތައް އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ހަދާ ފަދަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެތަނުގައި ޤާއިމުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަންވެސް ހާމަކުރެއްވިއެވެ.
ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންނަށް ދިމާވާ އެކިއެކި ދަތިތަކާއި ކަންބޮޑުވުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ކޮމެންޓު ފޮނުވާ