ފާއިތުވި ދެ ހަފްތާ ތެރޭގައި އެކަނިވެސް ހދ. ކުޅުދުއްފުށިން 62 މީހަކު ޑެންގީއަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި ދެ ހަފްތާ ތެރޭގައި އެކަނިވެސް ހދ. ކުޅުދުއްފުށިން 62 މީހަކު ޑެންގީއަށް ޕޮޒިޓިވް ވެއްޖެ

Author
އަހުމަދު
05 މެއި 2026 03:29
0

ރާއްޖޭގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މިގޮތުން ފާއިތުވި ދެ ހަފްތާ ތެރޭގައި އެކަނިވެސް ހދ. ކުޅުދުއްފުށިން 62 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ދެ ހަފްތާގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅުންނެވެ. އެއީ ޖުމްލަ 83 ކޭސްއެވެ. މީގެ އިތުރުން ގދ. އަތޮޅުން 17 ކޭސް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖެއިން 2،459 މީހަކަށް ވަނީ ޑެންގީ ޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 410 ކޭސް އަދި އަތޮޅުތެރޭގެ 2،059 ކޭސް ހިމެނެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ބަލި ފެތުރޭ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވާލުމަށް ކައުންސިލްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިތުރުން އާންމު ފަރުދުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ، ޑެންގީގެ އަލާމާތްތަކަށް ހޮސްޕިޓަލްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ.

ޑެންގީއަކީ އީޑީޒް މަދިރީގެ ޒަރީއާއިން ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. މިއީ ގައިންގަޔަށް އަރާ ބައްޔަކަށް ނުވިޔަސް، ބަލިޖެހިފައިވާ މީހެއްގެ ގައިގައި ހެފުމަށްފަހު އެހެން މީހެއްގެ ގައިގައި މަދިރި ހެފުމުން ބަލި ފެތުރެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ބޮލުގައި ރިއްސުން، މޭނުބައިކުރުން، ބަނޑުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނޭއިރު، ބަލި ސީރިއަސްވާ ހާލަތްތަކުގައި އެތެރެހައްޓަށް ލޭއައުން ފަދަ ނުރައްކާތަކާ ކުރިމަތިވެއެވެ. ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި ޑެންގީ ޖެހޭ ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކީ ހާލަތު ސީރިއަސްވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.