ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމުގެ އެންމެހާ މަސައްކަތްތައް، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، މިވަގުތު ބޭހުގެ ގިނަ ކަންކަމާއި މީހުން ދިރިއުޅޭ ރަށްރަށުގެ ފާމަސީތައް ހިންގަމުން އަންނަނީ އެސްޓީއޯއިން ކަމަށެވެ. ނަމަވެސް، ޖުލައި މަހުން ފެށިގެން މި ހުރިހާ ތަނަކާއި، ބޭހާއި ސިއްހީ އާލާތްތައް ގެނައުމުގެ ޒިންމާ އެއްކޮށް ސްޓޭޓް ފާމާއާ ހަވާލުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަލަށް ކުންފުންޏެއް އުފައްދައިގެން ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވުމާއެކު، މި ބަދަލުތައް ގެންނަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ރާއްޖެއިން ލިބެން ނެތް ބޭސްތައް ގެނެސްދިނުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން އެ ކުންފުނިން ވަނީ ފަށާފައެވެ.
މި ބަދަލާއެކު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށާނެކަމުގެ ޔަގީންކަން ޑރ. ޝާހު ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭހުގެ ސްޓޮކާއި ފޯކާސްޓް ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ. އެހެންކަމުން، ސްޓޭޓް ފާމާއިން މިކަމާ ހަވާލުވުމަށްފަހު، ބޭހުގެ ސްޓޮކް ވަގުތުން ވަގުތަށް (ލައިވްކޮށް) ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސްތައް ކޮންމެ ފަހަރަކު ބޭރުން ގެނައުމުގެ ބަދަލުގައި، އެތަކެތި ފަސޭހައިން ރާއްޖެއިން ލިބޭނެ ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ