އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ބީރައްޓެހި އަމަލެއް ކަމަށް، އެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވޯޓުން ކަންކަން ނިންމާ ޕާޓީއެއް ކަމަށާއި، އެތެރޭގެ އިންތިހާބުތަކުގެ މައްސަލަތައް ކޯޓަށް ގެންދިއުމަކީ ޕާޓީގެ މަސްލަހަތު ގެއްލި އަގުވެއްޓޭނެ ކަމެއް ކަމަށެވެ. އަދި ކުރިން ކަނޑައެޅިފައިވާ ތާރީހު ކަމަށްވާ ޖޫން 12 ގައި އިންތިހާބު ބޭއްވުމަށާއި، އިންތިހާބު އެންމެ ދުވަހަކަށް ވެސް ފަސްކުރުމާ ދެކޮޅުކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް ތުހުމަތުކުރެއްވި ގޮތުގައި އިންތިހާބު ފަސްކުރަން އުޅެނީ ވަކި ބަޔަކަށް ފުރުސަތު ހޯދައިދީ، ޕާޓީގެ މެމްބަޝިޕް ގަޑުބަޑުކުރުމަށެވެ. އަދި ޕީއެންސީން ޕާޓީގެ އެތެރެއަށް ނުފޫޒު ފޯރުވުމަށް މަގުފަހިކުރުމުގެ ގޮތުން ޓައިމްލައިނާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މެޗު ފެށުމަށްފަހު ގޯލް ޕޯސްޓް ބަދަލުކުރުމަކީ ގަބޫލުކުރައްވޭނެ އުސޫލެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޕާޓީގެ މާލީ ހާލަތު ދަށްވެ އެކައުންޓްތައް ފްރީޒްކޮށްފައި އޮތް ނަމަވެސް، އެއީ އަސާސީ އިންތިހާބުތައް ނުބާއްވައި ފަސްކުރަންޖެހޭ ސަބަބެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އިންތިހާބަކާ ނުލައި ވަގުތީ ގޮތުން ޗެއާޕާސަން ކަމާ ހަވާލުވުމާ ދެކޮޅުކަން ހާމަކުރައްވަމުން މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީއަށް ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހޭ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭނެ ނިއުޓްރަލް ޗެއާޕާސަނެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ