ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ފޮރިން މިނިސްޓަރ ވިޖިތަ ހޭރަތު އެމަނިކުފާނުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ 60 އަހަރުވީ ތާރީޚީ އަދި ސިޔާސީ ގުޅުމުގެ މައްޗަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކަކާއި ބަދަހިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިމަގުގައިވެސް ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ޚާއްޞަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ