ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތާ ބައްދަލުކުރައްވައިފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން، ލަންކާގެ ފޮރިން މިނިސްޓަރު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ބަދަހި ސިޔާސީ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުމަކީ އެއްގޮތް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިމަގުގައި ވެސް ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ތަރައްޤީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށެވެ. އޭގެ ތެރޭގައި ޚާއްޞަކޮށް ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމާއި، ފަންނީ ތަމްރީނާއި، އިޤުތިޞާދީ އެއްބާރުލުމާއި ބައިނަލްއަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ލަންކާގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. މި އަހަރު މި ގުޅުމަށް 61 އަހަރު ފުރޭނެއެވެ.
ކޮމެންޓު ފޮނުވާ