ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

Author
އަހުމަދު
04 މެއި 2026 09:57
0

ދެމޫސުން ބެދޭ ވިއްސާރައާއެކު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާ ގުޅިގެން ކުރާ ވިއްސާރައެކެވެ. މި ވިއްސާރައިގައި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

އާންމު ގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ދެ ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެކަމަށް ބެލެވެއެވެ. ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގު އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހި، ފިނިހޫނުމިންވެސް މަތިވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.