ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމަށް، މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ނޫރައްދީން ތާއީދުކުރައްވަން ނިންމަވައިފިއެވެ.
މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނޫރައްދީން ވިދާޅުވީ، މީކާއީލްގެ ލީޑަރޝިޕްގައި ޕާޓީގެ އިސްވެރިންނާއި މެންބަރުންގެ މަޝްވަރާއާއެކު ދެފުށް ފެންނަ ޓީމެއް މަސައްކަތްކުރާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ. އަދި ޕާޓީއާއި ގައުމަށް ގެއްލުންވާނެ ފަދަ އަމިއްލަ ކުއްލި ނިންމުންތައް އޭނާ ނުނިންމަވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެ، މީކާއީލަށް ސަތޭކަ އިންސައްތަ ތާއީދު އޮތްކަން ވަނީ ހާމަކުރައްވާފައެވެ.
ކާސާ ހޯލްޑިންގެ މެނޭޖިން ޑިރެކްޓަރު އަދި ރިސޯޓު ވިޔަފާރިވެރިޔާ ނޫރައްދީނަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމްއޭސީއެލްގެ ބޯޑުގައި އިންނަވައިގެން، އައު ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް ބޭފުޅާއެވެ. އޮޑިޓް ރިޕޯޓުތަކުން ދައްކާގޮތުގައި އެމްއޭސީއެލްއިން އަމިއްލައަށް ނުވަތަ މާކެޓް އަގުގައި އެތަން އޮޕަރޭޓްކުރިނަމަ އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބެން އޮތް ނަމަވެސް، އެގޮތަށް އެކަން ކުރުމާ ނޫރައްދީން ދެކޮޅު ހެއްދެވިއެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރެއްވީ ކުންފުންޏަށް އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެއްލޭ ގޮތަށް ޓީއެމްއޭއަށް ޓާމިނަލް ދޫކުރުމަށެވެ.
އެ މައްސަލައިގައި ކުންފުނީގެ އޭރުގެ މެނޭޖްމަންޓަށް ނޫރައްދީންގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެވެ. މިހާރުގެ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައިވަނީ، ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ކުންފުނީގެ ދުވަހުން ދުވަހުގެ އޮޕަރޭޝަންތަކުގެ ތެރެއަށް ނޫރައްދީން ވަދެވަޑައިގެން މުވައްޒަފުންނަށް އަމުރުކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު މުޖުތަބާއަށް ދެފަހަރެއްގެ މަތިން އޭނާ ދެއްވި ކަމަށްވެސް މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ