ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމުން އެ ޤައުމުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަގެ ދަޢުވަތަކަށް މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި، މިއަދު ހަވީރު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔައެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ތަޢުލީމާއި، ފަންނީ ތަމްރީނާއި، އިޤްތިޞާދީ އަދި އިދާރީ ދާއިރާގެ އިތުރުން ތަރިކައާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ރައީސް ބައިވެރިވެވަޑައިގަތުމަށާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965 ގައެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ލަންކާ ރައްޔިތުންނަށް ރާއްޖެއިން ތިން މަސްދުވަހުގެ އޮން-އެރައިވަލް ވިސާ ދޫކުރުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ