ކުޑަކުއްޖަކު ބްލެކްމެއިލްކުރި މީހަކު ދޫކޮށްލީ ގޯސްކަމަށް ހައިކޯޓުން ކަނޑައަޅައިފި

ކުޑަކުއްޖަކު ބްލެކްމެއިލްކުރި މީހަކު ދޫކޮށްލީ ގޯސްކަމަށް ހައިކޯޓުން ކަނޑައަޅައިފި

Author
އަހުމަދު
04 މެއި 2026 12:30
0

ނ. އަތޮޅު ރަށެއްގައި ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރާނެކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެންމަތިވި މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން ދަށު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ނިންމުން ގޯސްކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކުރާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، މައްސަލައިގެ މައިގަނޑު ހެކިތަކަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފޮރެންސިކް ހެކިތަކެއް ކަމަށްވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނެތްކަމަށެވެ. އަދި އޭނާއަކީ މުޖުތަމަޢަށް ނުރައްކާތެރި މީހެއްކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭނެކަމަށްވެސް ދިފާޢުން ފާހަގަކުރިއެވެ. ނަމަވެސް ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، ބަންދުން މީހަކު ދޫކޮށްލާއިރު ކުރިން ބަންދުކުރި ޙާލަތަށް ބަދަލުއައިސްފައިވާކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ ސަބަބުތައް ކޯޓު އަމުރުގައި ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށެވެ.

ހައިކޯޓުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހަމައެކަނި ހުރީ ޑިޖިޓަލް އަދި ފޮރެންސިކް ހެކިތަކެއް ނޫނެވެ. ޝަފަވީ ހެކިންވެސް ތިބިއިރު، މިފަދަ ޑިޖިޓަލް ޒަމާނެއްގައި ހެކިންނާ އެއް ރަށެއްގައި ނޫޅުނު ކަމުގައިވިޔަސް ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނެތްކަމަށް ބަލައިގަނެވެން ނެތްކަމަށް ޙުކުމުގައި ވެއެވެ.

މީގެ އިތުރުން، ކުޑަކުއްޖެއްގެ ކަރާމާތާއި ޙައްޤުތަކާ ގުޅިފައިވާ މިފަދަ ނާޒުކު މައްސަލައެއްގައި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގައި ތިބި އެހެން ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން ލިބޭނެ ޤަޠުޢީ ޙުއްޖަތެއް ނޫންކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.