ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އާއި ސައީދު އެކަނި

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ އާއި ސައީދު އެކަނި

Author
އަހުމަދު
02 މެއި 2026 09:50
0

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގު (ސޯބެ) އަދި ޕީއެންސީގެ ފަރާތުން އަހްމަދު ސައީދު ކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފިއެވެ.

މި އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ މި ދެބޭފުޅުން އެކަނިކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކެންޑިޑެސީ ގަބޫލުކޮށް ރަސްމީކޮށް އެކަން އަންގާފައެވެ. އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަންވެސް ކުރައްވާފައިވާ ސޯބެ މި އިންތިހާބަށް ނުކުމެވަޑައިގަންނަވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ. އެ ޕާޓީގެ ޓިކެޓް އޭނާއަށް ކަށަވަރުވީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީއެވެ.

ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރައްވާ ސައީދަކީ މިހާރުވެސް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ. ޕީއެންސީގެ ޓިކެޓް ފުރަތަމަ ކަށަވަރުވީ ޕްރައިމަރީ ކާމިޔާބުކުރެއްވި މުހައްމަދު ސިނާންއަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުނުވާކަމަށް އޭނާ ފަހުން ވިދާޅުވުމާ ގުޅިގެން، ޕާޓީން ނިންމީ ޕްރައިމަރީން ބަލިވި ސައީދަށް ޓިކެޓް ދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.