ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

Author
އަހުމަދު
02 މެއި 2026 03:31
0

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، މިއަދު މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވެއެވެ.

މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމާއެކު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ މިދިޔަ ބުދަ ދުވަހު ވެސް ހާމަކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާފައިވެއެވެ. އަދި އެރޭ ހުޅުމާލޭގެ އިމާރާތަކަށް ހޮނުއަޅައި އެތަނަށް އެކިވަރުގެ ގެއްލުންތައް ވެސް ލިބިފައިވެއެވެ. މޫސުން ގޯސްވާ ވަގުތުތަކުގައި އާންމުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.