އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ގައުމީ މަޖިލީހުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.
ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ، މިވަގުތު އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމަށެވެ. މީގެ އިތުރުން، މިއަހަރު ސަރުކާރުން ޕާޓީއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ލިބިފައިނުވާތީ، އިންތިހާބު ބޭއްވުމުގެ މާލީ ތަނަވަސްކަން ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ހާލަތުގައި އިންޓަރީމް އެރޭންޖްމަންޓެއްގެ ދަށުން ޕާޓީ ހިންގުމަށް ގައުމީ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ގަޕޯގެ މި ހުށަހެޅުމާ ގުޅިގެން މީކާއިލް ވަނީ އެކްސްގައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބު ލަސްކުރުމަކީ އޭނާވެސް އަދި ޕާޓީގެ މެންބަރުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅެ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށާއި ކޮމިޓީގެ ނިންމުމަށް އިހުތިރާމްކުރުމަށް މީކާއީލް ގޮވާލެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ޓީމު އޮތީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މި އިންތިހާބު ފަސްކުރުމާ މެދު އެންމެފަހުގެ ގޮތެއް ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.
ކޮމެންޓު ފޮނުވާ