ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއްކަމަށް ވިދާޅުވެއްޖެއެވެ.
ރައީސްގެ ހިތާބުގައި ވަނީ، ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކުރުމާއި، ހުނަރުވެރިން އުފެއްދުމަށް ހިލޭ އެހީއާއި ލުއި ލޯނު ދޫކުރުން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ބައިނަލްއަގްވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުން ޖާގަ ހޯދައިދިނުމަށް ފެށި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމުގައި ގާބިލު ދިވެހި ކުންފުނިތަކަށް އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމުގެ އިތުރުން، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ ސިނާއަތްތައް ފުޅާކޮށް، މުޅިން އާ ސިނާއީ މަސައްކަތްތައް ރާއްޖޭގައި ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2045 ވަނަ އަހަރާ ހަމައަށް އަންނައިރު، ފުދުންތެރި އަދި ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި، މަސައްކަތްކުރުމުގެ ކެރިކުޅަދާނަކަން ހުރި ކޮންމެ ރައްޔިތަކުވެސް އަމަލީ މައިދާނަށް ނުކުތުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ