މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

Author
އަހުމަދު
30 އޭޕްރިލް 2026 10:57
0

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ނިމިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ފާއިތުވި ތިން އަހަރުގެ ރެކޯޑުތަކަށް ބަލާއިރުވެސް ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރިޗު މަހުގައެވެ.

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 13.3 މިލިޔަން ރުފިޔާ ވަނީ އިޖުތިމާއީ އަދި ދީނީ އެކި ކަންކަމަށް ހޭދަކޮށްފައެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާއި، ތައުލީމީ އެހީއާއި، ރަމަޟާން މަހުގެ އެހީގެ އިތުރުން ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ފަރާތްތަކަށް 6.69 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން، ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމުގެ ބޭނުމުގައި ޒަކާތު ހައުސްއިން ވަނީ 41 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި "ދާރުއްސަލާމް" އަދި "ދާރުލްއަރުޤަމް" ގެ ނަމުގައި ތަރައްގީކުރާ ވަގުފު އިމާރާތްތަކުގެ މަޝްރޫއުތައް ހިމެނޭކަން އެ އިދާރާގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.