ލަންކާގެ ފިނޭންސް މިނިސްޓްރީން 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ސަސްޕެންޑްކުރި އޮފިޝަލަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލަންކާގެ ފިނޭންސް މިނިސްޓްރީން 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ސަސްޕެންޑްކުރި އޮފިޝަލަކު މަރުވެފައި އޮއްވާ ފެނިއްޖެ

Author
އަހުމަދު
30 އޭޕްރިލް 2026 10:56
0

ސްރީ ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސިސްޓަމެއް ހެކްކޮށް 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ސަސްޕެންޑްކޮށްފައި ހުރި އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރަކު އޭނާގެ ގޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އާއިލާގެ މީހުންނަށް އޭނާގެ ހަށިގަނޑު ފެނުމާއެކު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. ފުލުހުން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އަމިއްލައަށް މަރުވި މަރެއް ކަމެއް ނުވަތަ ބަޔަކު ގަސްތުގައި މަރާލީ ކަމެއް ކަން އަދި ކަށަވަރެއް ނުވެ އެވެ. މަރުވި އޮފިޝަލަކީ ފިނޭންސް މިނިސްޓްރީގެ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓުން ފައިސާ ގެއްލުނު މައްސަލައިގައި ސަސްޕެންޑްކުރި ހަތަރު މުވައްޒަފުންގެ ތެރެއިން އެކަކެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ބަޔާން ދިނުމަށް ދެ ފަހަރެއްގެ މަތިން އޭނާއަށް އަންގާފައިވެސް ވެ އެވެ.

ހެކަރުން ވަގަށް ނަގާފައިވާ 2.5 މިލިއަން ޑޮލަރަކީ އޮސްޓްރޭލިއާ ސަރުކާރުން ނަގާފައިވާ 22.9 މިލިއަން ޑޮލަރުގެ ލޯނަކަށް ދައްކަންޖެހޭ އިންސްޓޯލްމަންޓެކެވެ. ނަމަވެސް އެ ފައިސާ ލިބެންޖެހޭ ފަރާތަށް ދިއުމުގެ ބަދަލުގައި ވަނީ ހެކަރުންގެ އަތްދަށަށް ގޮސްފަ އެވެ.

މި ސައިބަރ ހަމަލާއާ ގުޅިގެން ޓްރެޒަރީ ސެކްރެޓަރީ ޑރ. ހަރްޝަނާ ސޫރިޔާޕެރޫމާ ވިދާޅުވީ، ހެކަރުން ސިސްޓަމަށް ވަދެފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައި، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.