ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓައިފި

Author
އަހުމަދު
29 އޭޕްރިލް 2026 02:39
0

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ޞައްޙަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލައިގައި ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ބާތިލުކުރަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް އޮތް އިސްލާހެއް ނޫން ކަމަށެވެ. އަދި ދައުވާކުރާ ފަރާތުން ފާހަގަކުރި ނުކުތާއަށް ރައްދުދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށްވެސް އެ އިސްލާހު ތަންފީޒުކުރެވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ގިނަ ފަނޑިޔާރުން ވަނީ ތާޢީދުކުރައްވާފައެވެ.

ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ތަފާތު ރައުޔެއް ނެރުއްވާފައެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ގެނައި މި އިސްލާހަކީ ކުޅިވަރެއް ކުޅެމުންދަނިކޮށް މެދުތެރެއިން ގަވާއިދު ބަދަލުކުރުން ފަދަ ކަމެއް ކަމަށާއި، އެހެންކަމުން މިއީ ޤާނޫނުއަސާސީއާ ޚިލާފަށް ގެނެސްފައިވާ ބާތިލު އިސްލާހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ލިބޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި މި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިންނެވެ.

މި މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤަކާ ގުޅިގެން ކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު ޙުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. އެހެންނަމަވެސް އެ މައްސަލައިގައި އޭސީސީން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިވާކަން އެނގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.