ސްކޫލްތަކުގައި ކުދިންގެ މެދުގައި އޮންނަ ބުލީކުރުމުގެ ނުރަނގަޅު އާދަ ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ ވެށި ބަދަލުކޮށް، ބޮޑެތި މީހުން ހެޔޮ ނަމޫނާ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އާންމު ރައްޔިތަކާއެކު ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ލިޔުމެއްގައެވެ. އެގޮތުން، ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއްކަން ފާހަގަކުރައްވައި، ކުލުނާއި އޯގާތެރިކަން ނެތް މާހައުލެއްގައި ބޮޑުވާ ކުދިންނަށް ފެންނާނީ ނޭދެވޭ މަންޒަރުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުދިން ދަސްކުރާ ނޭދެވޭ އާދަތައް ސްކޫލުގެ މާހައުލުގައި ތަކުރާރުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު މުނިފޫހިފިލުވުމަކަށް ވެފައިވާކަމަށް މިނިސްޓަރު ކަންބޮޑުވުމާއެކު ވިދާޅުވިއެވެ. އަދި ކަންކަމުގެ އަސްލު ބެލުމެއްނެތި ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ނުވިސްނާ މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށާއި، މިއީ ކޮންމެ ފަރުދަކުވެސް ފުންކޮށް ވިސްނައި އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި، ގޭތެރެއިންނާއި މުޖުތަމައުން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރައްވައި، މިއަހަރު ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމް ސްކޫލްތަކުން ފުރިހަމައަށް ގެންދާތީ ދަރިވަރުންނަށާއި މުދައްރިސުންނަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.
މުސްލިމުންނަށް ވީހިނދު، އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އެންމެ ބޮޑު ޒިންމާކަމަށް ވިދާޅުވެ، އަނެކާއަށް ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ކުދިންނަށް ބުނެދީ، ބަހާއި އަމަލުން ރިވެތި ނަމޫނާ ދެއްކުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައަކީ އުފާވެރި، އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށް، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީޢު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ