ދައުލަތުގެ ހަރަދުތައް މެނޭޖުކުރުމަށްޓަކައި، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) އެތެރޭގެ ބާޒާރުގައި ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އަލަށް ވިއްކުމަށް އިއުލާނުކޮށްފައިވާ ޓީބިލްތަކުގެ ތެރޭގައި މައިގަނޑު ހަތަރު މުއްދަތެއްގެ ބިލް ހިމެނެއެވެ. އެގޮތުން 28 ދުވަހުން ހަމަވާ 315 މިލިއަން ރުފިޔާގެ ޓީބިލަކާއި، 91 ދުވަހުން ހަމަވާ 55 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 182 ދުވަހުން ހަމަވާ 140 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ. އަދި އެންމެ ބޮޑު އަދަދެއް ވިއްކަން ހަމަޖެހިފައިވަނީ 364 ދުވަހުން ހަމަވާ 509.6 މިލިއަން ރުފިޔާގެ ޓީބިލެވެ.
ބޮޑު އަދަދެއްގެ ޓީބިލް ވިއްކަން ހުޅުވާލާފައިވާއިރު، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަގު ވަނީ 95.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ދިވެހި ރުފިޔާއިން ދޫކޮށްފައިވާ 42.2 ބިލިއަން ރުފިޔާގެ ޓީބިލާއި، ޑޮލަރުން ދޫކޮށްފައިވާ 3.9 ބިލިއަން ރުފިޔާގެ ޓީބިލް ހިމެނެއެވެ. މީގެ އިތުރުން ރުފިޔާގެ ޓްރެޜަރީ ބޮންޑުގެ ގޮތުގައި 29.3 ބިލިއަން ރުފިޔާ އަދި ޑޮލަރުގެ ބޮންޑުގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ހުރިއިރު، އިސްލާމިކް އިންސްޓްރޫމަންޓްސްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފިނޭންސުން މައުލޫމާތު ދޭގޮތުގައި ދައުލަތުގެ ސެކިއުރިޓީޒްގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކެވެ. އެހެންނަމަވެސް، 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ދޫކޮށްފައިވާ 21.4 ބިލިއަން ރުފިޔާގެ ބޮންޑުވެސް ހިމެނޭއިރު، ބޭރުގެ ބާޒާރުގައި ވިއްކާފައިވާ ބޮންޑުގެ އަދަދަކީ 1.5 ބިލިއަން ރުފިޔާއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލާއިރު، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަންޏާއެކު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 126 ބިލިއަން ރުފިޔާ ފަހަނައަޅާފައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ބަލާނަމަ 110 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
ކޮމެންޓު ފޮނުވާ