ސަރުކާރުން ހިންގާފައިވާ އެކިއެކި މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި 3.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން މި މަހު އެކަނިވެސް 500 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ދެ ދަރަންޏެއް ދައްކާފައިވާކަން ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދިވެހި ކުންފުނިތަކަށް ދޫކުރި 3.3 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ލިބިފައިވަނީ ބޭސްފިހާރަތަކާއި މެޑިކަލް ކުންފުނިތަކަށެވެ. އޭގެ އިތުރުން، މި ހަފުތާގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށް، ކުރިން އޮތް ދަރަނިތަކުގެ ބުރަ ކުޑަކުރުމެވެ.
ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރި ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް، ފައިސާ ނުލިބި ލަސްވާތީ ގިނަ ވިޔަފާރިތަކަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހި އެ ފަރާތްތަކުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުމުން ވެސް ފިނޭންސް މިނިސްޓްރީން އެ ތަފުސީލުތައް ދީފައެއް ނުވެއެވެ. މީގެ ކުރިން އެކި ތާރީހުތަކުގައި ބިލުތައް ދައްކައި ނިންމަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ ތާރީހުތަކަށް ފައިސާ ދައްކައި ނިންމިފައެއް ނުވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 14 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ކޮމެންޓު ފޮނުވާ