ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، މިއީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިފަދަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ބިނާކުރަން ނިންމެވި މައިގަނޑު ސަބަބު ކަމަށެވެ. މިއަހަރުގެ ޖެނުއަރީ 1 އިން އޭޕްރީލް 24 އަށް އެކަނިވެސް މާލެ ސަރަހައްދުން 8،125 މީހުން އާސަންދަ މެދުވެރިކޮށް ނަފްސާނީ ފަރުވާ ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އަތޮޅުތެރެއިން ވެސް ގިނަ ބަޔަކު ފަރުވާއަށް މާލެ އަންނާތީ، އާބާދީ އެންމެ ބޮޑު ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމާފައި އޮތް ނަމަވެސް، ލޯނު ހަމަޖެހުން ލަސްވުމުގެ ސަބަބުން އެ މަޝްރޫއު ވަނީ މަޑުޖެހިފަ އެވެ. އެހެންނަމަވެސް އެ މަޝްރޫއު ކެންސަލް ނުކުރައްވާނެ ކަމަށާއި، އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހޮސްޕިޓަލް އެޅުމުގެ އިތުރުން، ނަފްސާނީ ސިއްހަތާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ނަފްސާނީ މައްސަލަތަކާ ގުޅިފައިވާ ބުލީކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ބުލީކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިފަދަ މުހިންމު ނިންމުންތަކެއް ސަރުކާރުން ނިންމާފައި މިވަނީ، ރާއްޖޭގައި އަމިއްލައަށް މަރުވުމުގެ ހާދިސާތަކާއި ނަފްސާނީ ބަލިތަކުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓު ފޮނުވާ