ދިވެހިރާއްޖޭގެ ޑިޖިޓަލް ތަޞައްވުރު ހާސިލުކުރުމުގެ މަޤުޞަދުގައި، މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) އާއި ވޯލްޑް ބޭންކް ގުޅިގެން "މޯލްޑިވްސް ޑިޖިޓަލް ސަމިޓް" ގެ ނަމުގައި ޚާއްޞަ ސަމިޓެއް ބާއްވަން ނިންމައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަހުގެ 27 އިން 29 އަށް ބާސެލޯ ނަސަންދުރާ ހޮޓެލްގައި ކުރިއަށްގެންދާ މި ސަމިޓަކީ ރާއްޖޭގެ "ޑިޖިޓަލް ފަސްޓް ނޭޝަން" އެޖެންޑާއާއި، "މޯލްޑިވްސް 2.0″ ގެ ރޯޑުމެޕް ކާމިޔާބުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެކެވެ. މިކަމަށްޓަކައި އެމްޑީއެސް އާއި ޑީމެޑް ޕްރޮޖެކްޓް ޓީމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ބައިނަލްއަޤުވާމީ ފެންވަރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ބައްދަލުވާ މި ސަމިޓުގައި، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާއި، އާންމު ޚިދުމަތްތައް ޒަމާނީކުރުމުގެ އިތުރުން ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ އަމަލީ ތަޖުރިބާތައްވެސް މި ސަމިޓުގައި ބައިވެރިންނާ ހިއްސާކުރާނެއެވެ.
މި ސަމިޓުގައި ތަޤުރީރުކުރައްވާ ބޭރުގެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މޮލްޑޯވާގެ ކުރީގެ ޑިޖިޓަލައިޒޭޝަން މިނިސްޓަރު އިއުރީ ޓުރްކާނޯ، ދެކުނު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ނައިބު ރައީސް ޔޫން ސިއޮކް ކޯ އަދި އިނގިރޭސިވިލާތުގެ ގަވަމެންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރު ޖެސިކާ މެކްއެވޮއީ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޑޭޓާ ބަދަލުކުރުމާއި، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން ހަރުދަނާކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުންވެސް މި ސަމިޓުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ