ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. އޭނާ އެދިވަޑައިގެންފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލައިގެ ނިހާއީ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:15 ގައެވެ.
މި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ އެއްކޮށް ނިންމާލާފައެވެ. އަޑުއެހުންތައް ކުރިއަށް ދިޔައިރު، އަލީ ހުސައިންގެ ފަރާތުން ވަނީ މުހިންމު ދެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައެވެ. އެއީ ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމުގެ އިޖުރާއަތެއް ނުހިންގުމަށާއި، ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް އެދުނު އަމުރެކެވެ. ނަމަވެސް އެ ދެ އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އަބްދުލްޣަނީ މުހައްމަދެވެ.
ކޮމެންޓު ފޮނުވާ