މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މުޅި ރާއްޖެއަށްވެސް މިދުވަސްވަރު އަންނަނީ އާދަޔާ ހިލާފަށް ހޫނުގަދަކަން އިހުސާސްކުރެވެމުންނެވެ.
މިއަދު ހެނދުނު 11:00 އާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފިނިހޫނުމިން ރެކޯޑުކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑަށް ހޫނުގަދަކަމަށް ދައްކަނީ ކައްދޫ ސަރަހައްދަށެވެ. އެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 39.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އުތުރުން ހަނިމާދޫ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައެވެ. މީގެ އިތުރުން މާލެ ސަރަހައްދު (ހުޅުލެ) އަށް 37.6 ޑިގްރީ، ގަމަށް 37.4 ޑިގްރީ އަދި ކާޑެއްދޫއަށް 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވޭނެކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މައިގަނޑު ފަސް ސްޓޭޝަނަކުން ރެކޯޑުކުރާ މި މައުލޫމާތު، މެޓް އޮފީހުގެ ރަސްމީ ވައިބަރ ގްރޫޕް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ހެނދުނު 11:00، މެންދުރުފަހު 14:00 އަދި ހަވީރު 17:00 ގައި އާންމުކުރަމުން ގެންދެއެވެ. މެޓް އޮފީހުން އިތުރަށް މައުލޫމާތު ދޭގޮތުގައި، ކޮންމެ ދުވަހަކުވެސް އާންމުގޮތެއްގައި އެންމެ ބޮޑަށް ހޫނުގަދަވާކަމަށް ފާހަގަކުރެވެނީ މެންދުރުފަހު 14:00 ހާއިރުއެވެ. އެހެންކަމުން މި ވަގުތުތަކުގައި އަވީގައި އުޅުމުގައި ސަމާލުވުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ