ޖަޕާނުން 66 މިލިއަން ރުފިޔާގެ އަގުހުރި ކާރިސާތަކުން ސަލާމަތްވާ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފި

ޖަޕާނުން 66 މިލިއަން ރުފިޔާގެ އަގުހުރި ކާރިސާތަކުން ސަލާމަތްވާ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފި

Author
އަހުމަދު
26 އޭޕްރިލް 2026 02:00
0

ކާރިސާތަކުން ރައްކާތެރިވުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 66 މިލިއަން ރުފިޔާ (4.3 މިލިއަން ޑޮލަރު) ގެ އަގުހުރި އާލާތްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" (އީއެސްޑީޕީ) މަޝްރޫޢުގެ ދަށުން ފޯރުކޮށްދިން މި ތަކެއްޗާ އެންޑީއެމްއޭގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަނެވެ. ޖަޕާނުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯއެވެ. މި އެހީގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަލިފާން ނިއްވާ 40 ޕަންޕާއި، ފެންހިންދާ 40 ޕަންޕުގެ އިތުރުން އެއާ ގުޅުންހުރި އެހެނިހެން އާލާތްތައް ވަނީ ރާއްޖެއަށް ދީފައެވެ.

މި ތަކެއްޗާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ، މިއީ ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދިގު މުއްދަތަކަށް ހަރުދަނާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހަމައެއާއެކު، ޖަޕާނުގެ ސަފީރު ވިދާޅުވީ މި ވަސީލަތްތަކުގެ ސަބަބުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދެވި، މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ގުދުރަތީ ކާރިސާތަކަށް ކުރީބައިގައި ތައްޔާރުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.