1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއެކު ލަންކާ އެއަރޕޯޓުން 22 ބުޑިސްޓު ފާދިރީން ހައްޔަރުކޮށްފި

1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާއެކު ލަންކާ އެއަރޕޯޓުން 22 ބުޑިސްޓު ފާދިރީން ހައްޔަރުކޮށްފި

Author
އަހުމަދު
26 އޭޕްރިލް 2026 08:12
0

ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓުން 1.1 ބިލިއަން ރުޕީސްއަށްވުރެ އަގުބޮޑު މަސްތުވާތަކެއްޗާއެކު 22 ބުޑިސްޓު ފާދިރީން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ހޮނިހިރު ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި 110 ކިލޯއަށްވުރެ ގިނަ ކުޝް އަދި ހަޝިޝް ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ އަތުލައިގެންފައެވެ. މި ތަކެތި ފޮރުވާފައި ހުރީ ސްކޫލް ކުދިން ބޭނުންކުރާ ސާމާނާއި ތަފާތު ވައްތަރުގެ ފޮނިތަކެއްޗާއެކު، ފާދިރީންގެ ފޮށިތަކުގެ އަޑީގައި ހަދާފައިވާ ވަންހަނާ ގޮޅިތަކެއްގައެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެ ފާދިރީއެއްގެ ފޮށިން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ.

ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ މި ޒުވާން ފާދިރީންނަކީ ސްޕޮންސަރަކު ދިން ޓިކެޓުތަކެއްގައި މި މަހުގެ 22 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރި ބައެކެވެ. އެމީހުން ރާއްޖެއިން ބޭރުގައި އުޅުނުއިރު، ފާދިރީން ލާ އުޅޭ ހެދުމުގެ ބަދަލުގައި ޢާންމު ހެދުން ލައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އެމީހުންގެ މޯބައިލް ފޯނުތަކުން ފެނިފައިވާކަމަށް ނިއުސްވަޔަރ އިން ބުނެފައިވެއެވެ.

ލަންކާގެ އެކި ހިސާބުތަކަށް ނިސްބަތްވާ މި ފާދިރީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެގޮމްބޯ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބަންޑާރަނައިކަ އެއަރޕޯޓުގެ ތާރީޚުގައިވެސް އަތުލައިގަނެވުނު މަސްތުވާތަކެތީގެ އެންމެ ބޮޑު މައްސަލަ ކަމަށާއި، މިހާ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބުޑިސްޓު ފާދިރީންތަކެއް އެ އެއަރޕޯޓުން ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރުކަމަށް ލަންކާގެ މީޑިއާތަކުން ސިފަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.