މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ!

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ!

Author
އަހުމަދު
25 އޭޕްރިލް 2026 10:52
0

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް މި ފަންޑަށް އާމްދަނީގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ވަނީ ޖަމާވެފައެވެ.

މާލީ ވުޒާރާއިން ނެރެފައިވާ ރިޕޯޓުތައް ދައްކާގޮތުން، ތިމާވެއްޓާ ގުޅުންހުރި އެކި މަޝްރޫޢުތަކަށް މިދިޔަ އަހަރު ގްރީން ފަންޑުން 275 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހުގެ އެންމެ ބޮޑު ހިއްސާއެއް ލިބެނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން 200 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ގެސްޓްހައުސްތަކުން 11.2 މިލިޔަން ރުފިޔާ، ސަފާރީތަކުން 4.7 މިލިޔަން ރުފިޔާ އަދި ހޮޓާތަކުން 2.1 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ހޯމްސްޓޭގެ ގޮތުގައިވެސް 92،403 ރުފިޔާ ފަންޑަށް ޖަމާވެފައިވެއެވެ.

އަހަރުގެ އެކި މަސްތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ފަންޑަށް ވަދެފައިވަނީ އޭޕްރީލް އަދި ޑިސެމްބަރު މަހުއެވެ. އޭޕްރީލް މަހު 226 މިލިޔަން ރުފިޔާ ލިބުނުއިރު ޑިސެމްބަރު މަހު 218 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 74.8 މިލިޔަން ރުފިޔާއާއެކު ކ. އަތޮޅެވެ. އޭގެ ފަހަތުން ރ. އަތޮޅުން 21.9 މިލިޔަން އަދި އދ. އަތޮޅުން 20.1 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ސަރުކާރުން ވަނީ ގްރީން ޓެކްސް ނަގާ މިންވަރު ބޮޑުކޮށްފައެވެ. އެގޮތުން ކުރިން 6 ޑޮލަރު ނަގަމުންދިޔަ ތަންތަނުން 12 ޑޮލަރު، އަދި 3 ޑޮލަރު ނަގަމުންދިޔަ ތަންތަނުން 6 ޑޮލަރު ނަގަން މިހާރު ފަށާފައިވާއިރު، އުމުރުން 2 އަހަރު ނުވާ ކުޑަކުދިން ވަނީ މި ޓެކުހުން އިސްތިސްނާކޮށްފައެވެ. ގްރީން ފަންޑަށް ލިބޭ ފައިސާއަކީ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ސާފުކުރުން ފަދަ މުހިންމު މަޝްރޫޢުތަކަށް ސަރުކާރުން ހޭދަކުރަމުން އަންނަ ފައިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.