ބޮޑުތަކުރުފާނު މަގު ފުޅާކުރުން: ބީއެމްއެލް ކުރިމަތީ ފަޅު ހިއްކައި ޕާކިން ޒޯނެއް ހަދަނީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުން: ބީއެމްއެލް ކުރިމަތީ ފަޅު ހިއްކައި ޕާކިން ޒޯނެއް ހަދަނީ

Author
ހުސައިން
23 އޭޕްރިލް 2026 11:50
0

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މައި އިމާރާތުގެ ކުރިމަތިން އޮންނަ ފަޅު ހިއްކައިގެން ބޮޑު ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ހަތަރު ލޭނަށް ދުއްވޭ ގޮތަށް 14 މީޓަރަށް މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު މާގިރި ހޮޓަލުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮތީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފަ އެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ޕާކިން ޒޯން ހެދުމަށްޓަކައި ފޮރިން މިނިސްޓްރީ އިމާރާތާ ހަމައިން ފެށިގެން ސިޓީ ގާޑެންއާ ހަމައަށް ފަޅުގެ ބޮޑު ބައެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަރަހައްދު ހިއްކުމަށްޓަކައި ޖުމްލަ 560 މީޓަރުގެ ޝީޓް ޕައިލް ކުރަންޖެހޭއިރު، އޭގެ 50 އިންސައްތަ (260 މީޓަރު) މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މި ބޮޑު ޕާކިން ޒޯން ހަދައި ނިމޭއިރު، ބޭރު ތޮއްޓާއި އަލަށް ހިއްކާ ސަރަހައްދާ ދެމެދު އޮންނާނީ ކުޑަ ޑީންގީއަކަށް ދަތުރުކުރެވޭހާ ވަރަށް ކުޑަ ޖާގައެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖުމްލަ ފަސް ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން 455 ދުވަހުގެ ތެރޭގައި (ގާތްގަނޑަކަށް އެއް އަހަރާއި ތިން މަސް) ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ފެށި މި މަސައްކަތުގެ ފުރަތަމަ ދެ ބައި ކަމަށްވާ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭ އަދި ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.