ޖިނާއީ މައްސަލަތައް ބަލަމުންދާ ފަނޑިޔާރުންގެ ބަދަލުގައި އެހެން ފަނޑިޔާރުންނާ އެ މައްސަލަތައް ހަވާލުކުރެވޭނެ ހާލަތްތައް އިތުރުކޮށް، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު ބަދަލުތަކެއް ގެނެސްފިއެވެ.
ކުރިން މި ގަވާއިދު އޮންނަ ގޮތުން މައްސަލައެއް އެހެން ފަނޑިޔާރަކަށް ބަދަލުކުރެވެނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން، ނުވަތަ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމުން، ނުވަތަ މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވެގެން މައްސަލައިން ތަނާޒުލްވާން ޖެހިއްޖެނަމަ އެކަންޏެވެ. ނަމަވެސް މިއަދު އާންމުކުރި އިސްލާހާއެކު، ފަނޑިޔާރަކު ދެ މަހަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކުރުމުން ނުވަތަ ދިގު ޗުއްޓީއަކަށް ދިއުމުން، އަދި ދިގު މުއްދަތެއްގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ވީއްލާފައިވާ ހާލަތްތަކުގައިވެސް އެހެން ފަނޑިޔާރަކާ އެ މައްސަލަތައް ހަވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.
މީގެ އިތުރުން، އެއް ހާދިސާއަކާ ގުޅޭ އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ތަފާތު ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލަމުންދާނަމަ، އަދި ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތްތަކުގައިވެސް މައްސަލަތައް އެހެން ފަނޑިޔާރަކަށް ބަދަލުކުރެވިދާނެކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ހާލަތްތައް މެދުވެރިވެގެން މައްސަލަތައް އެހެން ފަނޑިޔާރުންނާ ހަވާލުކުރުމާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު ދީފައިވަނީ އެ ކޯޓެއްގެ އިސް ފަނޑިޔާރަށް ނުވަތަ އިސް މެޖިސްޓްރޭޓަށެވެ.
ކޮމެންޓު ފޮނުވާ