ރާއްޖޭގައި ރަޖިސްޓަރީ ނުކޮށް "SAS Medical College, Maldives" ގެ ނަމުގައި ދަރިވަރުން ހޯދަން އިޝްތިހާރުކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ނަމުގައި އިޝްތިހާރު ކުރަމުންދާ ތަނަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށެވެ.
ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން، ކޮލެޖެއްގެ ހައިސިއްޔަތު ނުލިބި އެފަދަ ނަމެއްގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ޤާނޫނީ ކުށެކެވެ. މީގެ އިތުރުން، އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ އިދާރާގައި ރަޖިސްޓަރީ ނުކުރާ ތަންތަނުން ޔުނިވަރސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް ބުނެ އިޝްތިހާރު ކުރުމަކީވެސް މަނާކަމެކެވެ.
އެހެންކަމުން، ހަޤީޤަތާ ޚިލާފަށް އަދި އާންމުންނަށް އޮޅޭގޮތަށް މީސްމީޑިއާ އާއި އެހެނިހެން މަންސަތަކުގައި މި ފަރާތުން ކުރަމުންދާ އިޝްތިހާރުތަކަށް ނުހެއްލުމަށާއި، މިކަމަށް ދަރިވަރުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ