މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

Author
އަހުމަދު
19 އޭޕްރިލް 2026 11:32
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮންނަ އޮތުމަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެމްބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިންއެވެ. އޭނާ އެދިވަޑައިގަތީ މި މައްސަލައިގެ ނިހާއީ ހުކުމެއް އިއްވަންދެން، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭފަދަ ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، މައްސަލަ ބައްލަވާ ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށްވެސް އޭނާ އެދިވަޑައިގެންފައިވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ، ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރުކުރުމަކީ މައްސަލައިގެ މައުޟޫއަށް އަސަރުކުރާނެ ކަމަކަށްވާތީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅުމަށް އެދުނު އަމުރާ ގުޅޭގޮތުން ކޯޓުން ކަނޑައަޅާފައިވަނީ، އެއީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، އެފަދަ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތް ނިންމުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މައްސަލަ ބައްލަވަމުން ގެންދަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބޮޑު ބެންޗަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.