ރާއްޖެއިން 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މާރިޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު %4.7 އިތުރުވެފައެވެ. ފެބްރުއަރީ މަހު 1.27 ބިލިޔަނުގައި ހުރި ރަސްމީ ރިޒާވް މާރިޗު މަހު 1.33 ބިލިޔަނަށް އަރާފައިވާއިރު، މިއީ ރަސްމީ ރިޒާވް މިހާތަނަށް އެންމެ މައްޗަށް ދިޔަ ފަހަރެވެ. ރަސްމީ ރިޒާވަށް އައި މި ހެޔޮ ބަދަލާއެކު، ފެބްރުއަރީ މަހު 337 މިލިޔަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް ވަނީ މާރިޗު މަހުގެ ނިޔަލަށް 409 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %21.3 ގެ ބޮޑު ކުރިއެރުމެކެވެ. ބޭނުންކުރެވޭ ރިޒާވަކީ ކުރު މުއްދަތެއްގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހު ވަގުތުން ބޭނުންކުރަން ހުންނަ ފައިސާއެވެ.
މި އަދަދުތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް ދައްކަންޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިޔަން ޑޮލަރުގެ (8.1 ބިލިޔަން ރުފިޔާގެ) ސުކޫކް ދެއްކުމުގެ ކުރިން ހުރި އަދަދުތަކެކެވެ. ސަރުކާރުން ވަނީ އިތުރު އައު ދަރަންޏެއް ނުނަގައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން މި މަހުގެ 2 ވަނަ ދުވަހު މި ބޮޑު ދަރަނި ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.
މިކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ވަނީ މާލީ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަނަވަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ އައު ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ޑޮލަރު މާރުކުރުން ލާޒިމުކުރުމުގެ ސަބަބުން ރިޒާވް ހަރުދަނާކުރުމަށް ވަނީ މަގުފަހިވެފައެވެ. ހަމައެހެންމެ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރި 2 މިލިޔަން ޑޮލަރު ވަނީ 275 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އިތުރުކޮށްފައެވެ. އަދި ސުކޫކް އަނބުރާ ދެއްކުމަށް އޭގެ ތެރެއިން 150 މިލިޔަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ.
ކޮމެންޓު ފޮނުވާ