ގްރާންޓާއި ސަބްސިޑީގެ ޚަރަދު 2.7 ބިލިއަނަށް، އާސަންދައިގެ ޚަރަދު ދަށްވެއްޖެ

ގްރާންޓާއި ސަބްސިޑީގެ ޚަރަދު 2.7 ބިލިއަނަށް، އާސަންދައިގެ ޚަރަދު ދަށްވެއްޖެ

Author
އަހުމަދު
18 އޭޕްރިލް 2026 09:51
0

މިއަހަރުގެ މިހާތަނަށް ދައުލަތުން ގްރާންޓާއި ސަބްސިޑީއަށް 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓާއި ކޮންޓްރިބިއުޝަން އަދި ސަބްސިޑީއަށް ވަނީ ޖުމްލަ 2.7 ބިލިޔަން ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ސަބްސިޑީގެ ޖުމްލަ ޚަރަދު ބޮޑުވި ނަމަވެސް، އާސަންދައާއި ސިއްޙީ އެހީތެރިކަމަށް ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން އާސަންދައަށް މިހާތަނަށް 436.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 607.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 28 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރުގެ ބަޖެޓުގައި އާސަންދައަށް 2.02 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބާކީ އަދި 1.58 ބިލިޔަން ރުފިޔާ އެބައިނެވެ. މީގެ އިތުރުން ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚަރަދުވެސް ވަނީ 81 މިލިޔަނުން 44 މިލިޔަން ރުފިޔާއަށް (45 އިންސައްތަ) ދަށްވެފައެވެ.

މި މުއްދަތުގެ ތެރޭގައި ދަށްވެފައިވާ ޚަރަދުތަކެއް ހުރި ނަމަވެސް، ކައުންސިލްތަކަށް ދޫކުރި ގްރާންޓު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ކައުންސިލްތަކަށް 536.8 މިލިޔަން ރުފިޔާ ދީފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 634.8 މިލިޔަން ރުފިޔާއަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.