ނައީމާގެ މަރުގެ ޝަރީޢަތް: ދިފާޢީ ވަކީލުން ބިޒީވުމުގެ ސަބަބުން ހެކިބަސް ނެގުން މެދުކަނޑާލައިފި

ނައީމާގެ މަރުގެ ޝަރީޢަތް: ދިފާޢީ ވަކީލުން ބިޒީވުމުގެ ސަބަބުން ހެކިބަސް ނެގުން މެދުކަނޑާލައިފި

Author
އަހުމަދު
14 އޭޕްރިލް 2026 09:46
0

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީޢަތުގައި، ދިފާޢީ ވަކީލުން ބިޒީވުމުގެ ސަބަބުން އިއްޔެ ވެސް ހެކިބަސް ނެގުން ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.

އޭޕްރިލް 7، 2023 ގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ތިން މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ. އެއީ ނ. މަނަދޫ ވިނަރެސް ޙަސަން ފަވާޛާއި، އެރަށު ފިނިފެންމާގެ ޢަބްދުލްވާޙިދު ރިފާސްގެ އިތުރުން އަހުޒަމް އަބްދުލްޝަކޫރެވެ. މީގެ ތެރެއިން ޞިއްޙީ ސަބަބުތަކާހުރެ ފަވާޛު ބަންދުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ފެށިގެން ކުރިއަށްދާއިރު، ވަކީލުންނަށް ވަގުތު ނުދެވިގެން ހޯމަ ދުވަހު ބޭއްވި އަޑުއެހުންވެސް ވަނީ މެދުކަނޑާލަން ޖެހިފައެވެ.

ނައީމާ މަރާލާފައިވަނީ އޭނާއަކީ ސިހުރު ހަދާ މީހެއްކަމަށް ތުހުމަތުކޮށްގެންކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ޝަރީޢަތަށް ހެކި ހުށަހަޅާފައެވެ. އަދި ނައީމާއަކީ ސިހުރުވެރިއެއްކަމަށް ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ގިނަ ބަޔަކު ގަބޫލުކޮށް އެކަމުގެ ވާހަކަ ދައްކަމުންދިޔަކަން ސާބިތުކޮށްދިނުމަށްވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.