މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލުމުން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ ދެ ދުވަސް ކުރިން ގެނައި މި ބަދަލާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން އެންމެ ދިގު ދަތުރުތައް ކަމަށްވާ އައްޑޫ ސިޓީ ގަމަށާއި ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓަކުން ފަތުރުވެރިންގެ އަތުން ކޮޅަކަށް ވަނީ އިތުރަށް 33 ޑޮލަރު (510.18 ރުފިޔާ) ބޮޑުކޮށްފައެވެ. ފަތުރުވެރިންގެ ޓިކެޓުގެ އަގުތައް މުރާޖަޢާކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް ވިއްކާ ޓިކެޓުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މޯލްޑިވިއަންއިން ޓިކެޓުގެ އަގަށް މި ބަދަލު ގެނެސްފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކުރުމާ ގުޅިގެންނެވެ. އެގޮތުން، ކުރިން 1.19 ޑޮލަރަށް ހުރި ތެޔޮ ލީޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ތެލުގެ އަގަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުގެ ބަނދަރުތަކުން ދަތުރުކުރުން ބަންދުކުރާނެކަމަށް އެމެރިކާއިން އިއުލާންކުރުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 8 ޕަސެންޓް މައްޗަށް ގޮސް 102 ޑޮލަރަށް އަދި އެމެރިކާގެ ބެންޗްމާކް ޑަބްލިއުޓީއައި ކްރޫޑް ފީފާއެއްގެ އަގު 9 ޕަސެންޓް މައްޗަށް ގޮސް 105 ޑޮލަރަށް ވަނީ އުފުލިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައެވެ.
ކޮމެންޓު ފޮނުވާ