މިއަދު އެންމެ ހޫނުގަދައީ މާލެ ސަރަހައްދަށް: ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މިއަދު އެންމެ ހޫނުގަދައީ މާލެ ސަރަހައްދަށް: ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 04:10
0

ރާއްޖޭގައި މިދުވަސްވަރު ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، މިއަދު އެންމެ ހޫނުގަދަ ކަމަށް ރެކޯޑުކުރެވިފައިވަނީ މާލެ ސަރަހައްދަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން މިއަދު ވަނީ 38.2 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މާލޭގެ އިތުރުން ދެން އެންމެ ހޫނުގަދަ ކަމަށް ދައްކަނީ ހދ. ހަނިމާދޫ އަދި ލ. ކައްދޫއަށެވެ. އެގޮތުން ހަނިމާދޫގައި އިހްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު، ކައްދޫގައި މި ނިސްބަތް ހުރީ 35.9 ޑިގްރީގައެވެ.

އާންމުގޮތެއްގައި މާޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދެ މަސްކަމަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން މަތިވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ޚާއްޞަކޮށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދަކީ އެންމެ ހޫނުގަދަވާނެ ވަގުތުކަމަށްވާތީ، މި ގަޑިތަކުގައި ބޭރަށް ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެކަށީގެންވާ ހެދުންލުމަށާއި، ގިނަގިނައިން ދިޔާއެއްޗެހި ބުއިމަށްވެސް ވަނީ އަންގާފައެވެ. އަދި ގަދަ ހޫނުގެ ސަބަބުން ބޮލުގައި ރިއްސައި ވަރުދެރަވާނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.