ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު އަލުން ތާވަލުކޮށްފިއެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށެވެ. މި މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ މުޅި ބެންޗުންނެވެ.
ވެރިކަންކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން 2024 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ކުއްލި ގޮތަކަށް ފާސްކޮށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމަ އެރޭ ތަސްދީގުކުރެއްވި މި އިސްލާހާ ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވެފައިވަނީ، ރިޔާސީ ނިޒާމެއްގައި މިފަދަ އެންޓި-ޑިފެކްޝަން ގާނޫނުތައް ނޯންނާނެ ކަމަށެވެ. އަދި މިއީ މިހާރު ތިއްބެވި މެންބަރުންގެ މައްޗަށް ތަންފީޒުކުރެވޭނެ އިސްލާހެއް ނޫން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުވަރީ 17 ގައެވެ. އޭގެ ފަހުން ފެބްރުވަރީ 26 އަށް މައްސަލަ ތާވަލުކުރި ނަމަވެސް، އެ ދުވަހުގެ އަޑުއެހުން ފެށެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން މަހާޒު އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އޭސީސީން ބަލާ މައްސަލަތަކެއް ކަމަށް ބުނެ އެ ބޭފުޅުން ސަސްޕެންޑުކުރިއިރު، އޭގެ ކުރީ ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއްވެސް ފާސްކޮށްފައެވެ.
އެ ސަސްޕެންޝަނާ ގުޅިގެން ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުސަތު ނުދީ އަނެއް ދެ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ފަނޑިޔާރުން ވަނީ ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމުގެ ތުހުމަތުކުރައްވާފައެވެ. އަދި އޭސީސީން ބަލާކަމަށް ބުނި މައްސަލަތަކަށްވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އޭގެ ފަހުން މިދިޔަ ޖުލައި މަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން، ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް އައު ހަތަރު ފަނޑިޔާރުން އައްޔަނުކޮށްފައެވެ. މެންބަރުންގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް އޮތް މި ދުސްތޫރީ ބޮޑު މައްސަލަ ކޯޓުގައި މަޑުޖެހިފައި އޮތުމަށްފަހު އަލުން ފަށާއިރު، އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ މި މައްސަލަ ލަސްވުމުގެ ސަބަބުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ