އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅި ނަމަވެސް، އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ގަޕޯ މަގާމުން ވަކިކުރުމަށް 55 މެމްބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. މިކަމާ ގުޅިގެން ގަޕޯ ވިދާޅުވީ އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށާއި، މި މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ ގައުމީ މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށެވެ. އަދި އެ ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަންގެ ނައިބު މާލީ، އަހުމަދު އަބްދުﷲއާ މިހާރު ހަވާލުކުރައްވާފައިވާނެ ކަމަށް ވެސް ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވި އެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައި މިވަނީ، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރައްވައި ގަޕޯ ސިޓީއެއް ފޮނުއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ގަޕޯ ވިދާޅުވި ގޮތުގައި އެ ބޭފުޅުން މަގާމުން ވަކިކުރެއްވީ އިދާރީ ގޮތުން އެއްބާރުލުން ނުދެއްވާތީ އެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިގެން މަގާމު އިޔާދަކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަޕޯ ވަކިކުރަން ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވި އިސް ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި، ކުރީގެ މިނިސްޓަރުން ކަމަށްވާ މާރިޔާ އަހުމަދު ދީދީ އާއި އިބްރާހިމް އަމީރުގެ އިތުރުން ރޮޒައިނާ އާދަމާއި އަކްރަމް ކަމާލުއްދީން ފަދަ ބޭފުޅުން ހިމެނެ އެވެ. ގައުމީ މަޖިލީހުގެ 123 މެމްބަރުން ތިއްބަވާއިރު، ޖަލްސާއެއްގެ ކޯރަމަކީ 31 މެމްބަރުންނެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން މިދުވަސްވަރު އަނެއްކާވެސް ބޮޑުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާކުރުމަށް ފަހު އެ ފުރުސަތު ފަހުން އުނިކުރުމުން، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ