ބާޒާރުން ހުސްވިޔަ ނުދިނުމަށް ކިރާއި ސަންފްލާވާ އޮއިލް ގެނައުން އަވަސްކުރަނީ

ބާޒާރުން ހުސްވިޔަ ނުދިނުމަށް ކިރާއި ސަންފްލާވާ އޮއިލް ގެނައުން އަވަސްކުރަނީ

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 01:28
0

ރާއްޖޭގެ ބާޒާރުން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި، ކިރާއި ސަންފްލާވާ އޮއިލް ވީހާވެސް އަވަހަކަށް ބާޒާރަށް ނެރުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މުދާ ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ނަމަވެސް، ރާއްޖެއަށް މުދާ ގެންނަ 4،200 ކޮންޓެއިނަރު ސްރީލަންކާގައި މަޑުޖެހިފައި ނުވަތަ އައުމުގެ މަގުމަތީގައި އެބަހުރި ކަމަށެވެ. އެހެންކަމުން، ބާޒާރަށް ދިމާވެދާނެ ގޮންޖެހުންތައް ހައްލުކުރުމަށް އިމްޕޯޓަރުންނާ ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން، ވިޔަފާރިވެރިންގެ އެދުމުގެ މަތިން އެސެންޝަލް 164 ބާވަތުގެ ތެރޭގައި ހިމެނޭ ކިރާއި ސަންފްލާވާ އޮއިލް ބާޒާރަށް އަވަހަށް ނެރުމަށް ވަނީ އިސްކަންދީފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދެ ބާވަތް އަވަސްކުރަނީ ބާޒާރުން ހުސްވެގެންނެއް ނޫނެވެ. ނަމަވެސް، ކުރިއާލައި ތައްޔާރުވުމުގެ ގޮތުންނެވެ. މީގެ އިތުރުން، ލަންކާގައި މަޑުޖެހިފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ވިޔަފާރިވެރިން އެދިފައިވާތީ، ކޮލަމްބޯ ޕޯޓާއި މާލޭގެ ވިޔަފާރި ބަނދަރާ ގުޅިގެން އެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން އަންނަނީ މާކެޓުގައި ވިއްކާ މުހިންމު ބާވަތްތަކުގެ ސަޕްލައިއާއި އަގުތައް ގާތުން މޮނިޓަރ ކުރަމުންނެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ތެލާއި، ގޭހާއި، ހަނޑޫ، ހަކުރު އަދި ފުށުގެ ސްޓޮކް އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަހުރި ކަމަށާއި، މުދާ ގެނެވޭނެ އެހެން ރޫޓުތައްވެސް ސަރުކާރުން ހޯދަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.