ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 730 މިލިއަން ރުފިޔާއަށް އަރައިފި

ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 730 މިލިއަން ރުފިޔާއަށް އަރައިފި

Author
އަހުމަދު
08 އޭޕްރިލް 2026 01:27
0

ރާއްޖޭގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިދިޔަ މާރިޗު މަހުގެ ނިޔަލަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރުން ބަލާނަމަ އެއީ ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި ޚިދުމަތުން ލިބިފައިވަނީ 282 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އެސްޓީއޯއިން ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން އިހަވަންދިއްޕޮޅުގައި މި މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސަރުކާރުން މި މަޝްރޫއު ފެށީ މީގެއިން އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރުމަށްފަހުގައެވެ.

ނަމަވެސް، ސަރުކާރުގެ މި އަންދާޒާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، އެ މަޝްރޫއުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުހޯދޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.