ގޭހާއި އަސާސީ ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން: ސައީދު

ގޭހާއި އަސާސީ ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން: ސައީދު

Author
އަހުމަދު
07 އޭޕްރިލް 2026 06:33
0

ރާއްޖޭގައި ވިއްކާ ގޭހާއި އަސާސީ ކާބޯތަކެތީގެ އަގުބޮޑުވުމަށް ސަރުކާރުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އައި ބަދަލާއެކު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމާފައިވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސައީދު ވިދާޅުވީ ވިލާ ގޭހުގެ އަގު ބޮޑުކުރަން އުޅޭކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށާއި، އެކަން އެނގިވަޑައިގަތުމާއެކު ވިލާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ސިޔާދް ގާސިމްއާ ގުޅުއްވައި މައްސަލަ އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އަދި ގޭހުގެ އަގު މެނޭޖުކުރުމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކުވެސް ގިނަ ވަގުތުތަކެއް ވަންދެން މަޝްވަރާކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއްފަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެސްޓީއޯއިން އަގު ކަނޑައަޅަނީ ސައުދީގެ އަރަމްކޯ ކުންފުނިން ގޭސް ވިއްކާ އަގަށް ބަލައިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވީ ނަމަވެސް، ވިލާއާއި އެސްޓީއޯއާ ގުޅިގެން އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ގޮތްތަކެއް ހޯދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި މިރޭގެ ވަގުތެއްގައި މި ދެ ކުންފުންޏަށްވެސް ގޭހުގެ އާ ޝިޕްމަންޓްތައް ލިބޭނެކަން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބަށްފަހު މުދަލުގެ އަގުތައް އުފުލޭނެކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް މިނިސްޓަރު ސައީދު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށެވެ. އަދި އަސާސީ ތަކެތީގެ އަގުބޮޑުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވައި، ބާޒާރުގައި އާންމުކޮށް ވިއްކާ 164 ބާވަތެއްގެ މުދަލުގެ އަގުތައް ކޮންމެ ދުވަހަކުވެސް ސަރުކާރުން ގާތުން ބަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.