ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވާފައިވާ މުހުލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާއިރު، އީރާނުގެ މަދަނީ ބިނާރުތައް ސުންނާފަތިކޮށްލާނެކަމުގެ ވަރުގަދަ އިންޒާރެއް އޭނާ ދެއްވައިފިއެވެ.
ވައިޓް ހައުސްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ ވޮޝިންގްޓަން ގަޑިން އަންގާރަ ދުވަހުގެ ރޭ 8:00 އަށް ކަނޑައަޅާފައިވާ މުއްދަތަކީ އެމެރިކާގެ އެންމެ ފަހުގެ ނިންމުން ކަމަށެވެ. އެމެރިކާއާއި އިސްރާއީލާ ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އެ ދެ ޤައުމުގެ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދަނީ ވަރުގަދަ ޙަމަލާތަކެއް ވެސް ދެމުންނެވެ.
މި މައްސަލަ ޙައްލުކުރުމަށް ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން 45 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމެއް ހުށަހެޅި ނަމަވެސް، އީރާނުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި އީރާނުން ހުށަހެޅީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. ޓްރަމްޕް ވަނީ އީރާނުގެ 10 ނުކުތާގެ މި ހުށަހެޅުމަކީ މުހިންމު ފިޔަވަޅެއްކަމަށް ސިފަކުރެއްވި ނަމަވެސް، އެކަމާ އެއްގޮތަކަށްވެސް ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވާފައެވެ.
އީރާނުގެ ވެރިންނަށް ނިސްބަތްކުރައްވައި ހަރުކަށި އިބާރާތުން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއްދީ "އިހު ޒަމާނުގެ" ޙާލަތަށް ޤައުމު ވައްޓާލާނެކަމުގެ އިންޒާރު ތަކުރާރުކުރައްވާފައެވެ. އާންމު ރައްޔިތުންނާއި މަދަނީ ވަސީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއަކަށް ވީނަމަވެސް، އެކަމާ އެއްވެސް ފަރުވާލެއް ނެތްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ